މި 2022 ވަނަ އަހަރު ފެށުނު އިރު މިއަތޮޅުގެ އާބާދީ އަކީ 2669 އެކެވެ. 2021 ވަނަ އަހަރު ފެށުނު އިރުގެ އާދާދީ އަކީ 2644 އެވެ. އެހެން ކަމާއެކު 2021 ވަނަ އަހަރުތެރޭގައި ރަޖިސްޓްރީއަށް އިތުރުވިކަމަށް ދައްކަނީ 25 މީހުންނެވެ. ވަކިވަކި ރަށްރަކަށް ބަލާއިރު 2021 ވަނަ އަހަރު ފުލިދޫގެ ރަޖިސްޓްރީއަށް އިތުރުވެފައިވަނީ 5 މީހުންނެވެ. ތިނަދޫގައި 3 މީހުންނެވެ. ފެލިދޫން އިތުރުވެފައިވަނީ 2 މީހުންނެވެ. ކެޔޮދޫން 13 މީހުންނެވެ. ރަކީދޫން އިތުރުވީ 2 މީހުންނެވެ. ޢުމުރު ފުރާތަކަށް ބަލާއިރު މުޅި އަތޮޅުގައި 18 އަހަރުން ދަށުގެ ކުދިންގެ އަދަދު މިވަނީ 720ން 744 އަށް އިތުރުވެފައެވެ. އެހެން ނަމަވެސް 18 އަހަރާއި 35 އަހަރާދެމެދުގެ މީހުންގެ އަދަދުމިވަނީ 24 މީހުން މަދުވެފައެވެ. 35 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީއަށް 35 މީހުން އިތުރުވިއެވެ. 65 އަހަރުންމަތީގެ އިސްރަށްވެހިންގެ އަދަދަށްވެސް 16 އިތުރު ވިއެވެ. ޢުމުރު ފުރާތަކަށް އުނި އިތުރުއައިސްފައިވަނީ މިވަނީ އަތޮޅުގެ އާބާދީގެ ޢުމުރަށް އައި ބަދަލާއި ގުޅިގެންނެވެ. ފްލެޓް ހޯދުމަށާއި އެހެނިހެން ބޭނުންތަކަށްޓަކައި އަތޮޅުގެ ގިނަބަޔަކު މާލެއަށް ކުރިން ރަޖިސްޓްރީ ބަދަލުކޮށްފައިވާހަކަން ފާހަގަކުރެވެއެވެ.
ވަޒީފާގެ ފުރުޞަތު އަތޮޅުގެ ރަށްރަށުގައި ނެތުމުން ރިސޯޓްތަކަށާއި މާލެއަށް ދިޔަ ގިނަ ބަޔަކު ދިއުމުގެ ސަބަބުން ބައެއް ރަށްރަށް ވަރަށްބޮޑަށް ހަމަހިމޭންވެފައި އޮތެވެ. އެހެން ނަމަވެސް މިހާރު ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ފެށި ރަށްރަށަށް މީހުން އެނބުރި އައިސް ރަށްރަށުގެ ފަޅުކަން ފިލުވައި، މަސައްކަތްކުރަމުން ދާކަން ފާހަގަކުރެވެއެވެ. ފަޅުކަމާއި ހަމަހިމޭންކަން ވެރިފައިވާ ރަށްރަށަށް މީހުން ޖަމާވެ އެރަށްރަށުގައި އިޤްތިޞާދީ ބޮޑަތި އިންވެސްޓްތައްކޮށް އެރަށްރަށަކީ ޙަރަކާތްތެރި، މަސައްކަތްތައް ހިނގާ މީހުން ޒިޔާރަތްކުރާ ރަށްރަށަށް ބަދަލުވެއްޖެއެވެ.