ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މި ކައުންސިލުން އިސްނަގައިގެން ހިންގާ ޕްރޮގްރާމްގެ ދަށުން ފުލިދޫގައި ފުލުހުން ބޭތިއްބުމަށް ހަދާ ތަނުގައި ކުރަންހުރި މަސައްކަތްތައްކޮށް ނިންމުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށް ކޮންޓްރެކްޓްގައި ސޮއިކުރުން 9 ޖެނުއަރީ 2023 ދުވަހު 11:45ގައި ފުލިދޫ ކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީ އެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ކިލޯމީޓަރ އިންޖިނިއަރިންގް ޕައިވެޓް ލިމިޓެޑް ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ ސަޢީދެވެ. މި އެއްބަސްވުމުގެ ޖުމުލަ އަގަކީ 550299.00ރ (ފަސްލައްކަ ފަންސާސްހާސް ދުއިސައްތަ ނުވަދިހަނުވަ ރުފިޔާ)އެވެ. ފުލިދޫގައި އަދާ މި ޢިމާތާގައި ކުރަންހުރި ހުރިހާ މަސައްކަތެއް މި އެއްބަސްވުމުގެދަށުން 90 ދުވަހުގެތެރޭގައި ކޮށް ނިންމަންޖެހޭނެއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފުލިދޫގައި ކައުންސިލްގައި ބޭއްވި މި ރަސްމިއްޔާތުގައި ފުލިދޫ ކައުންސިލްގެ ރައީސާއި މެމްބަރުންނާއި ވ. އަތޮޅު ފުލުހުންގެ މަރުކަޒުގެ އިސް އޮފިސަރުންނާއި އަތޮޅު ކައުންސިލާއި ފުލިދޫ ކައުންސިލްގެ ކަމާބެހޭ މުވައްޒަފުން ބައިވެރިވިއެވެ.
މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރެއްވުމަށްފަހު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީ ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކައިގައި ފުލިދޫގައި މި މަސައްކަތްކުރުމަށް ހުޅުވައިލެވުނު ފުރުޞަތުގައި މިކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވައި ކުރިމަތި ލެއްވީތީ ކިލޯމީޓަރ އިންޖިނިއަރިންގް ޕައިވެޓް ލިމިޓެޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަޝްރޫޢަކީ އަތޮޅު ކައުންސިލުން ހިންގާ މަޝްރޫޢެއްކަމަށްވިއަސް މަސައްކަތް ކުރެވެނީ ފުލިދޫގައި ކަމަށްވާތީ މަސައްކަތް ހިނގާނުހިނގާގޮތް ފުލިދޫ ކައުންސިލުން ބައްލަވައި ދުވަހުން ދުވަހަށް ކުރައްވަންޖެހޭ މަސައްކަތް ފުލިދޫ ކައުންސިލުން ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި މަސައްކަތަށް ފުލިހުންފަރާތުންނާއި ފުލިދޫ ކައުންސިލްގެފަރާތުން ދެއްވަމުން ގެއންދަވާ އެއްބާރުލެއްވުމަށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ މި ކައުންސިލްގެ މުހިއްމު ސިޔާސަތެކެވެ.