1 އޯގަސްޓުން ފެށިގެން ވ. ރުއްހުރިހުރާ ޢާއްމުންނަށް

RHH1

ވ. ރުއްހުރިހުރާ

ވ. އަތޮޅަކީ އާބާދީ މަދުކަމުގައިވިޔަސް އަދި ރަށްތައް މަދުކަމުގައި ވިޔަސް ޙަރަކާތްތަކާއި އައިސްގޮސްވާ މީހުން މަދު އަތޮޅެކޭ ދެންނެވޭކަށް ނެތެވެ. ރަށު ފަތުރުވެރިކަން ކުރިއަރަމުން ދަނީ ހަލުވި ދުވެލީގައެވެ. ފަޅުރަށެއް އޮތްނަމަ އޮތީ ރިސޯޓެއް ހަދައި ފައެވެ. ނުވަތަ ކޮންމެސް ފަރާތަކަށް ޙަވާލުކުރެވިފައެވެ.
ރަށު ފަތުރުވެރިކަމުގައި ވިޔަފާރީގައި އުޅޭ ފަރާތްތަކަށް އެންމެ ބޮޑު އެއް މައްސަލައަކަސްވެފައިއޮންނަނީ އެމީހުންގޮވައިގެން ގޮސްލާނެ ރަށެއް ނެތުމެވެ. މިކަން އެއްފަރާތެއްގައި ބޭއްވުމަށްފަހު އަތޮޅުގެ ރައްޔިތުންނާއި އަތޮޅަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ދިވެހިންނަށްވެސް ދަތުރުގޮސްލާނެ ރަށެއް ނެތުމަކީ ވަރަށް ދަތިކަމެކެވެ.
ކަންމިހެން ހުރުމާއެކު ދަތުރުދާނެ ރަށެއް ނުވަތަ “ޕިކްނިކް އައިލެންޑެއް” ތަރައްޤީކޮށްދެއްވުމަކީ ސަރުކާރުގެ ވައުދެއްކަމަށްވެސް ވެއެވެ. އެހެން ނަމަވެސް މިކަން ޙަޤީޤަތަކަށްމި ވީ މި ކައުންސިލްގެ މަސައްކަތުންނެވެ.

ފެލިދެއަތޮޅު އަތޮޅުކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަޅުރަށްތަކާއި ފަޅުތައް ފެލިދެއަތޮޅު ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާއަށް ބޭނުންކުރުމާ ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، “ވ. ރުއްހުރިހުރާ” މިހާރުވަނީ އާއްމު ފަރާތްތަކަށް ބޭނުންކުރެވޭ ވަރަށް ތައްޔާރުކުރެވިފައެވެ. މި ރަށް ތައްޔާރުކުރުމަކީ ބުރަ، ޚަރަދުވެސް ބޮޑުމަސައްކަތެކެވެ. ރަށަކީ ކުރެދި ހެދިފައިވާ ގާމަތީ ރަށެކެވެ. އެހެން ކަމުން ރަށަށް އަރައި ރަށުތެރޭގައި ހިނގައިބިނގައި އުޅެވޭގޮތަށް މަގުތަށް ކޮށަންޖެހުނެވެ. ރަށަށް ވެލި އަޅައި ވެލިން މުއްސަނދިކުރަން ޖެހުނެވެ. މިކަމަށް 197313.84 ރުފިޔާ ޚަރަދުވިއެވެ. ރަށަށްޖަމާވެފައިވާ ޕްލާސްޓިކް ފުޅިތަކާއި ކުނިބުނި ނަގައި ސާފުކުރަން ޖެހުނެވެ. ތިމާވެށީގެގޮތުން ނާޒުކުރު ސަރަހައްދުތައް ވަކިވާނެގޮތަށް ނިޝާންތަކާއި ބޯޑުތައް ބަހައްޓަން ޖެހުނެވެ. ރަށުގައި އިތުރަށް ގަސް އިންދައި ހައްދަން ޖެހުނެވެ.
މިހުރިހައި މަސައްކަތެއް ކޮންޓްރެކްޓު އުޞޫލުންނާއި މުވައްޒައްފުން ކޯޕަރޭޓްޙަރަކާތުގެތެރެއިން މިހާރުވަނީ ކޮށް ނިމިފައެވެ. މި ރަށް ޢާއްމު ރައްޔިތުންނަށް 01 އޯގަސްޓް 2023ން ފެށިފެން ހުޅުވައިލުމަށް ވަނީ ހަމަޖެހިފައެވެ.
ވ.ރުއްހުރިހުރާ ސަރަހައްދު ބެލެހެއްޓުމަށް “މެނޭޖްމަންޓް ޕްލޭނެއް” ވެސް ވަނީ ތައްޔާރުކުރެވިފައެވެ. މި ޕްލޭންގެ ބޭނުމަކީ، ވ.ރުއްހުރިހުރާ ފެލިދެއަތޮޅުގެ މުހިއްމު ޤުދުރަތީ ވަޞީލަތެއްގެ ގޮތުގައި ބެލެހެއްޓުމާއި، ވ.ރުއްހުރިހުރަޔާއި ގުޅިފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް ފެލިދެއަތޮޅަށް ހޯދައިދިނުމެވެ.
ވ.ރުއްހުރިހުރާ ޒޯން ކުރެވިފައިވާނީ މައިގަނޑު 2 ސަރަހައްދަކަށެވެ. އެއީ؛
• “ރެކްރިއޭޝަނަލް އޭރިޔާ” – ދަތުރު ދިޔުމާއި މުނިފޫހިފިލުވުމުގެ ބޭނުމަށް ކަނޑައެޅިފައިވާ ސަރަހައްދު،
 ޤުދުރަތީ ނުވަތަ ޠަބަޢީގޮތުން ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ނަންބަރު2018/R-78))ގެ ހަމަތަކާއި އެއްގޮތަށް ހިމާޔަތްކޮށްފައިވާ ސަރަހައްދު،
 މުނިފޫހި ފިލުވުމުގެ ބޭނުމަށް ރަށަށް ޒިޔާރަތްކުރުމަށް، ދިވެހިން އަދި ފަތުރުވެރިންނަށް ހާއްސަކުރެވިގެން ދުވަސްތަކެއް ވާނީ ކަނޑައެޅިފައެވެ.

ވ. ރުއްހުރިހުރާ ބޭނުންކުރުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް ސަމާލުކަން ދެއްވުމަކީ މި ކައުންސިލުން އެދޭކަމެކެވެ.RHH2
 ވ.ރުއްހުރިހުރާ ސަރަހައްދަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ރަށް ބޭނުންކުރުމަށް ހުއްދަ ހޯދައި، “އެކްސެސް ޕާރމިޓް” ބައްލަވައިގަތުން
 ތިމާވެށީގެގޮތުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް ނުވަނުން
 ރަށުގެ ގަސްގަހާ ގެއްސަށް އަދި ތިމާވެއްޓަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއް ނުކުރެއްވުން

ރަށުގައި ގަސްއިންދުމަށާއި ސާފުކުރުމަށާއި ޙިމާޔަތްކުރެވިފައިވާ ސަރައްހައްދު ވަކިކުރުމުގެ މަސައްކަތްކުރުމަށް މި ކައުންސިލުގެ މުވައްޒަފުން މި ޖުލައި މަހުގެ 15 ގައިވަނީ އެރަށަށް ދަތުރެއް ކޮށްފައެވެ. މިދަތުރުންވެސް އެނގުނު ގޮތުގައި އެރަށަކީ ދަތުރުގޮސްލަން ރަނގަޅު ރަށެކެވެ. ހިތްގައިމު ރަށެކެވެ. ދުވަސްވީ ބޮޑަތި ކުރެދި ގަސްތަކާއި ކާނި ގަސްތަކުން ރަށަށް ވަނީ އިތުރު ފުރިހަމަކަމެއް އައިސްފައެވެ.
ތަޖުރިބާކޮށްލެއްވުމަށް ވ. ރުއްހުރި ހުރައަށް ޒިޔާރަތްކޮށްލެއްވުން ކީއްތޯއެވެ.

You can leave a response, or trackback from your own site.

Leave a Reply