ދޫފަހި ސްކީމް
ދޫފަހި ލޯނު ސްކީމް
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ރައްޔިތުންގެ އިޖްތިމާޢީ އިޤްތިޞާދީ ހާލަތުގެ ރަނގަޅުކޮށް ރައްޔިތުންގެ ދިރިއުޅުގެ ފެންވަރު މަތިކުރުމަށްޓަކައި ދެމެހެއްޓެނިވިގޮތެއްގައި އެހީތެރިވުމާއި އަތޮޅުކައުންސިލްގެ މާލިއްޔަތު މުއްސަދިކުރުމެވެ. މި ގޮތުން 29 އޭޕްރީލް 2015 ގައި ބޭއްވި އަތޮޅުކައުންސިލްގެ 11 ވަނަ ޖަލްސާއިން “ދޫފަހި ޕްރޮގްރާމްގެ ޤަވާއިދު” ގެ ނަމުގައި ޤަވާއިދު ފާސްކުރިއެވެ. މި ޕްރޮގްރާމްގެ ދަށުން މުދާ ގަންނަން ބޭނުންވާ ފަރާތުން ބޭނުންވާ މުދަލުގެ ޞައްޙަ ކޯޓޭޝަނެއް އަތޮޅުކައުންސިލަށް ހުށަހަޅަންޖެހެއެވެ. އަދި ވިއްކާ މުދަލަށް ފައިދާގެ ގޮތުގައި އިތުރުކުރަނީ 10% އެވެ. މި ޕްރޮގްރާމްގެ ދަށުން އެއްވެސް ފަރާތަކަށް ދޫކުރާ މުދަލުގެ އަގު އޭގެ ފައިދާ އާއި ނުލާ ގަންނަ އަގު 15000ރ (ފަނަރަ ހާސް ރުފިޔާ) އަށްވުރެ އިތުރުވެގެންނެއް ނުވާނެއެވެ. އަދި 5000ރ (ފަސްހާސް ރުފިޔާ) އަށްވުރެ ކުޑަވެގެންނުވާނެ ކަމަށް ގަވައިދުގައިވެއެވެ. އަދި ދޫފަހިން ގަންނަ މުދަލަށް އެންމެ ދިގު މުއްދަތެއްގެގޮތުގައި މީލާދީ އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞްކުރަންޖެހެއެވެ. ދޫފަހި ސްކީމް ގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް 05 މެއި 2015 ގައި ޢާއްމުކޮށް އަތޮޅުތެރެއަށް އިޢްލާން ކުރެވުނެވެ. ނަމަވެސް ޕިނޭންސް މިނިސްޓްރީން މި ޕްރޮގްރާމް ހިންގުމަށް ހުއްދަނުލިބި ގިނަދުވަސްތަކެއްވެފައިވާތީ މުދާ ދޫކުރެވިފައިވަނީ 2015 އޮކްޓޯބަރ މަހު ތެރޭގައެވެ.
މި ސްކީމުގެ 1 ވަނަ ބުރުގައި 10 ފަރާތަކަށް ވަނީ މުދާ ހަވާލު ކުރެވިފައެވެ. ފުރަތަމަބުރުގައި ޖުމްލަ 94853.32 (ނުވަދިހަ ހަތަރުހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ/ ތިރީސް ދެލާރި) ހަރަދު ކުރެވިފައިވެއެވެ. އަދި މިބުރުގައި ޖުމްލަ ފައިދާގެ ގޮތުގައި 9485.32 (ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ފަސްރުފިޔާ/ތިރީސް ދެލާރި) ލިބިފައިވެއެވެ. އަދި މި ސްކީމްގެ 2 ވަނަ ބުރަކަށް ވަނީ 29 ޑިސެމްބަރ 2015 ގައި އިއުލާން ކޮއްފައެވެ. މިބުރުގައި ބައިވެރި ވެފައިވަނީ 3 ފަރާތެވެ. މިބުރުގައި ޖުމްލަ 40503.35 (ސާޅީސްހާސް ފަސްސަތޭކަ ތިން ރުފިޔާ/ ތިރީސް ފަސްލާރި) ހަރަދު ކުރެވިފައިވެއެވެ. އަދި މިބުރުގައި ޖުމްލަ ފައިދާގެ ގޮތުގައި 4050.34 (ހަތަރުހާސް ފަންސާސްރުފިޔާ/ތިރީސް ހަތަރުލާރި) ލިބިފައިވެއެވެ.
ދޫފަހި ސްކީމްގެ 3 ވަނަ ބުރަކަށް 10 އޯގަސްޓް 2016 ގައި އިއުލާން ކުރުމުން އެދެވޭ ވަރަކަށް ތަރުހީބު ނުލިބުމުން 29 އޯގަސްޓް 2016 ގައި ދޫފަހި ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވުނެވެ. މި ގޮތަށް ފުރުސަތު ހުޅުވާލުމުން 2016 ވަނަ އަހަރު ނިމުނު އިރު ޖުމްލަ 16 ފަރާތަކަށް ވަނީ މުދާ ދޫކުރެވިފައެވެ.އަދި 2016 ވަނައަހަރު ނިމުނު އިރު ޖުމްލަ މި ޕްރޮގްރާމަށް ހަރަދުކުރެވިފައިވަނީ 319688.80 (ތިންލައްކަ ނަވާރަހާސް ހަސަތޭކަ އަށްޑިހަ އަށްރުފިޔާ/އަށްޑިހަލާރި) އެވެ.