އަތޮޅާއި ރަށްރަށުގެ ތަޢާރަފް | Secretariat of the Felidhuatholhu Atoll Council

އަތޮޅާއި ރަށްރަށުގެ ތަޢާރަފް

އަތޮޅުގެ ތަޢާރަފް
ވ. އަތޮޅަކީ ޖިއޮގްރަފީ ގެ ގޮތުން ދެ އަތޮޅުގެ މައްޗަށް އެކުލެވިފައިވާ އަތޮޅެކެވެ.  އެއީ ވ. އަތޮޅުގެ މައި އަތޮޅާއި ވައްޓަރު އަތޮޅެވެ. މިއަތޮޅުގައި އޮންނަކަމަށް ލިޔުންތަކުގައި ހުންނަނީ 19 ރަށެވެ. ވ. އަތޮޅުގެ ރަށްތަކުތެރެއިން ކުދިބޮޅި ކިޔާ ރަށެއް މިހާރުވަނީ ނެތި ގޮސްފައެވެ. އެހެން ނަމަވެސް ހުރަހު ފިނޮޅު ކިޔާރަށެއް އެކަށީގެންވާވަރަށް ބޮޑު ވުމުން ފަޅުރަށްރަށުގެ ލިސްޓްގައި ހިމެނިފައި ވެއެވެ. އެހެން ކަމާއެކު ޖުމުލަ 19 ރަށް އަދިވެސް އެބަ އޮތެވެ. އޭގެ ތެރެއިން  މީހުން ދިރިއުޅެނީ  5 ރަށުގައެވެ. އަދި  2 ރިސޯޓާއި  ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރެވޭ 2 ރަށްވެއެވެ. ކުރިން މެރިން ރިސާޗްގެ މަސައްކަތްކުރި ބޮޑުމޮހޮރާގައި އެމަސައްކަތްކުރެއްވުން މިހާރުވަނީ ހުއްޓާލާފައެވެ. މި އަތޮޅަކީ، ރާއްޖޭގެ އިދާރީ އަތޮޅުތަކުގެ ތެރެއިން 10 ވަނަ އަތޮޅެވެ. މިއަތޮޅު އޮންނަނީ ރާއްޖޭގެ އިރުމަތީ ބިތުގައެވެ. މި ވ. އަތޮޅު ބެލެވިފައިވަނީ ޤުދުރަތީ ރީތިކަމާއި ފަރުތަކުގެ މުއްސަނދިކަމުގެ ގޮތުން ވަރަށް ފާހަގަކޮށްލެވޭ އަތޮޅެއްކަމުގައެވެ. ޚާއްޞަކޮށް އަޑިއަށް ފީނާމީހުންގެ މެދުގައި ވަރަށް މަޤްބޫލް ތަންތަން ވ. އަތޮޅުގައި އެބަހުއްޓެވެ. ފަރުމަސްވެރިކަމަށްމޮޅު އެތައްބައިވަރު ސަރަޙައްދުތަކެއް އެބަހުއްޓެވެ. ވ. އަތޮޅަކީ ތަރައްޤީއާއި ކުރިއެރުމުގެ ރޮނގުން މިއަދު ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަންނަ އަތޮޅެކެވެ. މިއަތޮޅުގެ އާބާދީއަކީ، ގާތްގަނޑަކަށް 2500އެވެ.

އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްއަތޮޅު ކައުންސިލްގެ ފަރާތުން މިހާރުވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މާލެއާއި އަތޮޅުގެ ރަށްރަށާއި ދެމެދުގައި ދެމުންގެންދާ ފެރީގެ ޚިދުމަތެވެ. މީގެ އިތުރުން އަތޮޅު ރައްޔިތުންގެ ތަރައްޤީގެ ފަންޑާއި ފާމަސީގެ ޚިދުމަތް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ފުލިދޫ 

ފުލިދުއަކީ މިއަތޮޅުގެ ޖިއޮގްރަފީގެ ގޮތުން ފުރަތަމަ ރަށެވެ. ރަށް އޮންނަނީ އަތޮޅުގެ އެންމެ އުތުރުގައެވެ. މާލެއިން ދެކުނަށް ވ. އަތޮޅު ތެރެއިން ދަތުރުކުރާނަމަ މާލެ އަތޮޅު ނިމި ފުރަތަމަ ބައްދަލުވާނީ  ފުލިދުއާއެވެ. މިއީ ޤުދުރަތީ ގޮތުން ވަރަށް ރީތި އަތިރިމައްޗެއް ލިބިފައިވާ ރީތި ރަށެކެވެ. ފުލިދުއަކީ ޞިއްޙީގޮތުން ބަލާއިރު ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

ފުލިދޫގެ ތަރައްޤީއަށް ފުލިދޫގެ ރައްޔިތު އަންހެނުންނާއި ފިރިހެނުން ކުރަމުންގެންދާ އަދި ކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އަންހެނުންގެ އާމްދަނީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރެވެއެވެ. މީގެ އިތުރުން ފިރިހެނުންކުރާ ކޮންމެ މަސައްކަތެއްގައި އަންހެނުން ބައިވެރިވަނީ ފިސާރި އިޖްތިމާޢީ ރޫޙުގައެވެ. ފުލިދުއަކީ ވަރަށް ގިނަ މަސައްކަތްތަކެއް ހިނގާ ރަށެކެވެ. މިގޮތުން މިއަތޮޅުގައި އެންމެ ރަނގަޅަށް ވިޔަފާރިކުރާ ރަށެއްކަމަށް ބެލެވެނީ ފުލިދުއެވެ. އަދި ޒުވާނުން ވިޔަފާރީ ދާއިރާގައި ޙަރަކާތްތެރިވަމުން ގެންދެއެވެ.ބޮޑަތި އުޅަނދުފަހަރު “ސަފާރީ އުޅަނދުފަހަރު” ބަނުމަކީ ފުލިދޫގައި ކުރާ ވަރަށް ބޮޑު މަސައްކަތެކެވެ.

ވަޑާންކުރުމާއި ގެދޮރު ޢިމާރާތްކުރުމުގައި ފަންނުވެރި ޒުވާނުން ފުލިދޫގައި ވަރަށް ގިނައެވެ. މުނިފޫހި ފިލުވުމުގެ ދާއިރާގައި ފުލިދުއަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ބަނޑިޔާ ޖެހުމާއި، ފަތިގަނޑު ޖެހުމާއި، ލަނގިރި ބޮޑުބެރު ފަދަ ކުޅިވަރުތަކުގައި ފުލިދޫ ވަރަށް ފާހަގަކޮށްލެވެއެވެ. ސަޤާފީކުޅިވަރު ކުޅުމާއި ދަސްކޮށްދިނުމުގައި ފުލިދޫގެ ތަޖުރިބާކާރު ފަންނާނުން ވަރަށް މުހިއްމު ރޯލެއް އަދާކުރަމުން ގެންދެއެވެ.

ތިނަދޫ

މިއަތޮޅުގެ މީހުން އުޅޭ ދެވަނަ ރަށަކީ ތިނަދުއެވެ. އާބާދީ ކިތައްމެ މަދަސް ތިނަދޫގެ ރައްޔިތުންނަކީ ރަށް ތަރައްޤީކުރުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ ބައެކެވެ. މިގޮތުން މިރަށުގައި އެންމެ ދަތިވެފައިވާ ކަންތައް ކަމުގައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ރައްޔިތުން އިސްނަގައިގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ރަށުގައި ބަނދަރެއްވަނީ ހަދާފައެވެ.

މިރަށަކީ މިއަތޮޅުގެ އެހެން ރަށްރަށާއި އަޅާ ބަލާއިރު ބިމުގެ ގޮތުން ތަނަވަސް ތަށެކެވެ. އިޤްތިޞާދީ މަސައްކަތްތަކެއް ކުރުމަށް ބިމުގެ ވަޞީލަތް އޮތް ރަށެކެވެ. 9.1 ހެކްޓަރގެ މިރަށުގައި މީހުން އާބާދުވެފައިވާ ކުޑަ ސަރަހައްދެއް ފިޔަވައި ދެން އޮތް ބިންތަކުގައި އިޤްތިޞާދީ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ތިނަދޫއަކީ ލޯކަލް ޓްވަރިޒަމްގެ ދާއިރާގައި މިއަތޮޅުގައި ވަރަށް ފާގަގަކޮށްލެވޭ ރަށެކެވެ. ފެންވަރު ރަނގަޅު ގެސްޓް ހައުސްތަކެއް އެރަށުގައި އަންނަނީ ހިންގަމުންނެވެ. އަދި ވެސް މި ދާއިރާއިން ގިން އިންވެސްޓްމެންޓްތައް އެރަށުގައި އަންނަނީ އެކި ފަރާތްތަކުން ކުރަމުންނެވެ.

އާބާދީއެކަށީގެންވާ ވަރަށްވުރެ މަދުވުމުން ދިމާވާ ބައެއް މައްސަލަތައް އެބަހުއްޓެވެ. މީގެތެރޭގައި ތައުލީމީ ޚިދުމަތާއި ކަރަންޓާއި، އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ. މި ގޮންޖެހުންތައް މިހެން ހުއްޓަސް ތިނަދުއަކީ އިޤްތިޞާދީ ގޮތުން ރަނގަޅު ރަށެކެވެ. މަސައްކަތްތެރި މުރާލި ބަޔަކު ދިރިއުޅޭ ރަށެކެވެ. އަދި ޚާއްޞަކޮށް ސާފުތާހިރު ކަމަށް ވަރަށް ލޯބިކުރާ އެކުވެރި ރައްޔަތަކު ދިރިއުޅޭ ރަށެކެވެ. ޤުދުރަތީގޮތުން މިރަށަށް ލިބިފައިވާ ރީތިކަމާއި ރަށުގެ ހިތްގައިމު މާހައުލަކީ ވަރަށް ގިނަބަޔަކު ފާހަގަ ކުރާ ކަމެކެވެ.

ފެލިދޫ

ފެލިދުއަކީ ވ. އަތޮޅުގެ މެދުގައި އޮންނަ ރަށެވެ. ބިމުގެގޮތުން ބަލާއިރު މި އަތޮޅުގެ އެންމެ ބޮޑު ރަށަކީ މިރަށެވެ. އެއީ 11.8 ހެކްޓަރ އެވެ.  ވ.  އަތޮޅުގެ ވެރިކަން ކުރަނީ ފެލިދޫގައެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތަޢުލީމީ މަޒުކަޒާއި  އަތޮޅު ޕޮލިސް ސްޓޭޝަނާއި ބޭންކް އޮފ ްމޯލްޑިވްސްގެ ބްރާންޗް ޤާއިމުކުރެވިފައިވަނީ  މިރަށުގަ އެވެ. މިރަށުގެ ރައްޔިތުންނަށް އާމްދަނީގެ މައިގަނޑު ވަޞީލަތްތަކަށް ބަލާއިރު ރަށުގައި ހުރި ވަޒީފާގެ ފުރުޞަތުތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި މީގެ އިތުރުން ޓްވަރިސްޓް ވިޔަފާރިއާއި މަސްވެރިކަމުގެ ޙިއްޞާވެސް އެބައޮތެވެ. އަދި ރަށުގައި  ދެ ހޮޓާ ވެސްހުރެއެވެ. ފެލިދޫގައި ވިޔަފާރި ކުރާ 40 ފިހާރަ ހުރެއެވެ. މީގެތެރޭގައި ގިނައީ ފަތުރުވެރިންނަށް ތަކެތި ވިއްކާ ފިހާރަތަކެވެ. އާމްދަނީ ހޯދުމަށްއަންހެނުން ކުރާ މަސައްކަތްތަކަށް ބަލާއިރު ފަންވިނުމާއި ރޯނުވެށުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެކެވެ. ތަޢުލީމީ ގޮތުންނާއި ޞިއްޙީގޮތުން އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް މިރަށުން ލިބެން ހުރިކަން ފާހަގަކުރެވެއެވެ. އަދި ފެލިދޫގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެނިހެން ރައްޔިތުން މި ޚިދުމަތްތަކުގެ ބޭނުން ހިފަމުން އަންނަކަން ފާހަގަކުރެވެއެވެ.

ފެލިދޫގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެން ހުރެއެވެ.ފެލިދޫގައި ބަނދަރު ހެދިފައިވަނީ  2006 ވަނަ އަހަރު އެވެ. އަދި މި ބަނދަރުގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް ހެޔޮ އަސަރުތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ފެލިދޫއަކީ ބިންގަނޑު ރަނގަޅު ފަސޭހައިން ގަސްގަހާގެހި ހެދޭ ރަށެކެވެ. ފެލިދޫގެ ގިނަގޭގޭގައި ގޯތިތެރޭގައި އެކިބާވަތްބާވަތުގެ ގަސް ހައްދައި އުޅެއެވެ. އަދި މިކަމުން އެކަށީގެންވާ އާމްދަނީ ހޯދާ މީހުންވެސް މަދެއްނޫނެވެ.

ސަޤާފީކުޅިވަރުގެ ރޮނގުގައި މިރަށަކީ މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. މިރަށް މަޝްހޫރުވެފައިވަނީ ހަމައެކަނި ބޮޑުބެރަކަށް ނޫނެވެ. ގާއޮޑި ލަވައާއި މަގުމަތީ ލަނގިރިއާއި ތާރަ ފަދަ ފިރިހެނުންގެ ސަޤާފީހުރިހާކުޅިވަރެއްގައިވެސް މެއެވެ. މިރަށުގެ ސަޤާފީކުޅިވަރު ޓީމްވަނީ  ޤައުމީ މުހިއްމު މުނާސަބަތުތަކުގެ އިތުރުން ބަންގްލާދޭޝް އިންޑިއާއި ސިރީލަންކާގައި ރާއްޖޭގެ ސަޤާފީކުޅިވަރު ތަމްސީލްކޮށްދީފައެވެ.މިރަށަށް ޒިޔާރަތްކުރައްވާ މަތީފެންވަރުގެ ޢިއްޒަތްތެރިންނަށާއި ފަތުރުވެރިންނަށް މަރުހަބާކިޔުމުގައިވެސް ސަގާފީކުޅިވަރު ތަމުސީލްކޮށްދިނުމަކީ މިރަށުގެ ފަންނާނުން ފަޚުރުވެރިކަމާއެކު ކުރަމުން އަންނަ ކަމެކެވެ. ފަތުރުވެރިންނަށް މިކަން ވެފައިވަނީ ވަރަށް ޚާއްޞަ ކަމަކަށެވެ. އާދެ! އެމީހުންގެ ޑައިރީތަކުގައި ލިޔެގެންނާއި ކެމެރާތަކަށް ރެކޯޑުކޮށްގެން ރާއްޖެއިން ގެންދެވޭ ފޮނި ހަނދާންތަކަކަށެވެ.

މަސައްކަތްތެރިކަމުގެ ދާއިރާއަށް ބަލާއިރު ހަނދާނީ ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތަކީވެސް މިރަށުން  ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ކެރަފަތުންވިޔެގެންނާއި ލަކުޑިންނާއި ނާށިންނާއި ބޮނބިން ތަފާތު ތަކެތި އުފައްދައި ފަތުރުވެރިންނަށް ވިއްކައި އެކަށީގެންވާ އާމްދަނީ އެއް ހޯދައެވެ. މިކަމުގައި ހަރަކާތްތެރިވާ މީހުންނަކީ ފެލިދޫގެ މަސައްކަތްތެރިންގެ ލިސްޓްގައި ފާހަގަކޮށްލަންޖެހޭ ބައެކެވެ.

ކެޔޮދޫ

ކެޔޮދުއަކީ މިއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދުއާއި ޖެހިގެން ދެކުނަށް އޮންނަ ރަށެވެ. މިއީ ޖޮޣުގުރަފީ ގޮތުން 4 ވަނަ ރަށެވެ. ކެޔޮދުއަކީ މިއަތޮޅުގެ އާބާދީއެންމެ ބޮޑުރަށެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 7.30 ހެކްޓަރ އެވެ. މިރަށުގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މީގެއިތުރުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި ވިޔަފާރިވެސް ކުރެއެވެ.

100ވަރަކަށް ގޭގައި މީހުން ދިރިއުޅޭ މި ރަށުގައި 24 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް ދެމުންގެންދެއެވެ. މި ޚިދުމަތަކީ ރައްޔިތުންގެ ގޮތުން ދެމުންގެންދާ ޚިދުމަތެކެވެ.

ތައުލީމަށް ބަލާއިރު މިރަށުގައި ގްރޭޑް 10ށް ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. ކިޔަވާކުދިންގެ އާބާދީއަކީ ގާތްގަނޑަކަށް 120އެވެ. އެކަށީގެންވާ ޓީޗަރުންނާއި ބޭނުންވާ އެހެނިހެން މުހިއްމު ވަޞީލަތްތައް އެބަހުއްޓެވެ. ސްކޫލަކީ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުމާއެކު ވަރަށް ރަނގަޅަށް ހިންގަމުން ގެންދާ ސްކޫލެކެވެ.

އިޤްތިޞާދީ ނަޒަރަކުން ބަލާއިރު އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަދެވިފައިވާ 40ފިހާރަ މިރަށުގައި ހުރެއެވެ. މީގެތެރޭގައި ގިނައީ ފަތުރުވެރިންނަށް ތަކެތި ވިއްކާ ފިހާރަތަކެވެ. އާއްމު ބަހުރުވައިން ނަމަ ގެސްޓް ފިހާރަތަކެވެ. ކެޔޮދުއަކީ ޒަމާނުއްސުރެ މަސްވެރިކަން ކުރާ ރަށެކެވެ. މިރަށުގެ ރިހާކުރަކީ ވަރަށް ގިނަބަޔެއްގެ ގާތުގައި މަޤްބޫލް އެއްޗެކެވެ. މިއަތޮޅުގެ ރަށްރަށަށް ބަލާއިރު މަސްވެރިކަމަށް އެންމެ ބޮޑެތި އިންވެސްޓްތަކެއް ކޮށްފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި މިކަން ކުރާ ރަށަކީ ކެޔޮދުއެވެ. މިހާރުވެސް މަސްވެރިކަމަށް ބޭނުންކުރާ އެންމެ ބޮޑު އުޅަނދު އޮތީ ކެޔޮދޫގައެވެ.

ކެޔޮދޫގެ އަންހެނުންނަކީ އެރަށުގެ އިޤްތިޞާދުގެ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެރަށުގައި ހުރި ޓްވަރިސްޓް ފިހާރަތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އަންހެނުންނެވެ. މީގެ އިތުރުން ފަންގިވިނުމުގެ މަސައްކަތަކީވެސް ކެޔޮދޫގެ އަންހެނުން އިތުރު އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ.

ކެޔޮދުއަކީ މިއަތޮޅުގެ ނިސްބަތުގައި ޢިލްމުވެރި ދަރިންތަކެއް އުފައްދާފައިވާ ރަށެކެވެ. މިގޮތުން ބަލާއިރު ޤުރުއާން ތަރުޖަމާ އެބޭފުޅެއްގެ އަޑުން މިހާރު ގެނެސްދޭ އައްޝައިޚް މޫސާ ނިޒާރަކީ ރަށުގެ ފަޚުރެއްކަމުގައި ބެލެވެއެވެ. މީގެ އިތުރުން މިއަތޮޅުގައި އެންމެ ގިނަ ގާޒީން ނުވަތަ މެޖިސްޓްރޭޓުން އެފުދިފައި ވަނީ ކެޔޮދޫން ކަމުގައި ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އެކިފަންނު ތަކުގެ ހުނަރުވެރިންނާއި  މަސައްކަތްތެރިން ކެޔޮދޫގައި ގިނައެވެ. މި ފަންނުވެރިން މިރަށުގައާއި ރަށުން ބޭރުގައި ޚިދުމަތް ކުރަމުން ގެންދެއެވެ.

މި ރަށަށް ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ މިރަށުގެ ބަނދަރު ސުނާމީ ކާރިސާއަށްފަހު ވަރަށް ބޮޑަށް ހަލާކުވެފައިވުމެވެ. މިރަށުގެ ބަނދަރަކީ ގިނަ އުޅަނދުތަކެއް ލަފާފުރުމުގައި ބޭނުންކުރަމުންދާ ރަށެކެވެ. މޫސުންގޯސްވުމުގެ ސަބަބުން ދުރުރަށްރަށުގެ ގިނަ އުޅަނދުތައް އައިސް މަޑުކޮށްލަނީ މިރަށުގެ ބަނދަރުގައެވެ.

ކުޅިވަރުގެ ދާއިރާގައި މިރަށުގެ ފަންނާނުން ފާހަގަކޮށްލަންޖެހެނީ މިއަތޮޅުގައި އެންމެ ދުވަސްވީ ތަޖުރިބާކާރުންގެ ގޮތުގައެވެ. މީގެ ތެރޭގައި ސަގާފީކުޅިވާރާއި ފުޓްބޯޅަ ވޮލީ ފަދަ ކުޅިވަރުތަކުގެ ފަންނާނުން ހިމެނެއެވެ. މިކުޅިވަރުތައް އެންމެ ރަނގަޅަށް މިއަތޮޅުގައި ކުޅޭ އެއް ރަށަކީ ކެޔޮދުއެވެ. މީގެ އިތުރުން ސަގާފީކުޅިވަރުގެ ރޮނގުގައި މިރަށަކީ މަޝްހޫރުރަށެކެވެ. މިގޮތުން ބޮޑުބެރާއި ގާއޮޑި ލަވައާއި ލަނގރިއާއި ތާރަ ފަދަ ފިރިހެނުންގެ ސަގާފީ ހުރިހާކުޅިވަރެއްގައިވެސް މެއެވެ. މިރަށުގެ ސަގާފީ ކުޅިވަރު ޓީމްވަނީ  ޤައުމީ މުހިއްމު މުނާސަބަތުތަކުގައި ރާއްޖޭގެ ސަގާފީކުޅިވަރު ތަމްސީލްކޮށްދީފައެވެ.ކެޔޮދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްހެޔޮކަމާއެކު މަރުޙަބާ ކިޔާ ބަޔެކެވެ. މުރާލި އަދި ރަށް ތަރައްޤީކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ބަޔެކެވެ.

ރަކީދޫ 

ރަކީދުއަކީ މިއަތޮޅުގައި 5 ވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އެންމެ ދެކުނުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މިރަށަކީ ރަތްމަހުގެ މަސްވެރިކަމަށް މަޝްހޫރު މާގުޅީ ކަނޑާ އެންމެ ކައިރީގައި އޮންނަ ރަށެވެ.ރަކީދުއަކީ މަސްވެރި ރަށެކެވެ. މަސްވެރިކަމުގައި ވަރަށް ހީވާގިކަމާއެކު ޙަރަކާތްތެރިވާ ބަޔަކު ދިރިއުޅޭ ރަށެކެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ތަފާތު އެހެން ދާއިރާތަކުގައިވެސް ޙަރަކާތްތެރިވަމުން ގެންދެއެވެ. މަސައްކަތްތެރި ފަންނުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

ރަކީދުއަކީ މިއަދު އެކަށީގެންވާވަރަށްވުރެ އާބާދީ މަދުވުމުން  މައްސަލަތަކަކާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. މިގޮތުން ސްކޫލް ހިންގުމަށާއި ތަރައްޤީއަށް ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމުގައި ތަފާތު ހުރަސްތަކާ ކުރިމަތިވެފައި ވެއެވެ. އެހެން ނަމަވެސް އެވަގުތަކު ކަންތައް އޮތް ގޮތަކަށް ބަލާ އެވަގުތަކު ހުރި ވަޞީލަތެއް ބޭނުންކޮށްގެން އެ ހުރަސްތައް ގިރާކުރަމުން ގެންދަނީ އިޖްތިމާޢީ ވަރަށް ރަނގަޅު ރޫޙަކާއެކުގައެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބަލާލާއިރު ރަކީދުއަކީ ވަރަށް ފުންނާބު އުސް ފަންނާނުންތަކެއް އުޅޭ ރަށެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ރަކީދޫ ޒުވާނުންނަކީ ސަގާފީ ކުޅިވަރަށް ވަރަށް ޝައްޤުވެރިކަން ބަހައްޓާބައެކެވެ. ރަކީދޫގެ ކާބަފައިން ކުޅެފައިވާ ރީތިކުޅިވަރުތައް މިއަދާހަމައަށް އެރަށުގައި އުވިގެންނުގޮސް ހުރިކަމީ މިކަމުގެ ދަލީލެކެވެ. މިގޮތުން ރަކީދޫއަކީ ލަނގިރި ޖެހުމުގައި މިއަތޮޅުގައި ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ.

ރަކީދުއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ އެއް ރަށް ކަމުގައިވިއަސް މިރަށުގެ ރައްޔިތުންނަކީ ދިރިއުޅުމުގެ ކުރިމަގާމެދު ވަރަށް ފުންކޮށް ވިސްނާ ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުން ގެންދާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. އަދި ހަމައެއާއެކު ވަރަށް އެކުވެރި، އަނެކުންނަށް އަޅާލާ އަދި ޚާއްޞަކޮށް މެހެމާނުންނަށް ކަމޭހިތާ ބަޔަކު ދިރިއުޅޭ ރަށެއް މެއެވެ. ރަކީދުއަށް ޒިޔާރަތްކޮށްފި ކޮންމެ މީހަކަށްވެސް ރަކީދޫން ފެންނާނީ އަލި މޫނުތަކެކެވެ. ލިބޭނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އިޙްސާސްކުރެވޭނީ އެއްބަނޑު އެއްބަފާ ކަމެވެ.