ވ.އަތޮޅު | Secretariat of the Felidhuatholhu Atoll Council

ވ.އަތޮޅު

އަތޮޅުގެ ތަޢާރަފް

ވ. އަތޮޅަކީ ޖިއޮގްރަފީ ގެ ގޮތުން ދެ އަތޮޅުގެ މައްޗަށް އެކުލެވިފައިވާ އަތޮޅެކެވެ.  އެއީ ވ. އަތޮޅުގެ މައި އަތޮޅާއި ވައްޓަރު އަތޮޅެވެ. މިއަތޮޅުގައި އޮންނަކަމަށް ލިޔުންތަކުގައި ހުންނަނީ 19 ރަށެވެ. ވ. އަތޮޅުގެ ރަށްތަކުތެރެއިން ކުދިބޮޅި ކިޔާ ރަށެއް މިހާރުވަނީ ނެތި ގޮސްފައެވެ. އެހެން ނަމަވެސް ހުރަހު ފިނޮޅު ކިޔާރަށެއް އެކަށީގެންވާވަރަށް ބޮޑު ވުމުން ފަޅުރަށްރަށުގެ ލިސްޓްގައި ހިމެނިފައި ވެއެވެ. އެހެން ކަމާއެކު ޖުމުލަ 19 ރަށް އަދިވެސް އެބަ އޮތެވެ. އޭގެ ތެރެއިން  މީހުން ދިރިއުޅެނީ  5 ރަށުގައެވެ. އަދި  2 ރިސޯޓާއި  ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރެވޭ 2 ރަށްވެއެވެ. ކުރިން މެރިން ރިސާޗްގެ މަސައްކަތްކުރި ބޮޑުމޮހޮރާގައި އެމަސައްކަތްކުރެއްވުން މިހާރުވަނީ ހުއްޓާލާފައެވެ. މި އަތޮޅަކީ، ރާއްޖޭގެ އިދާރީ އަތޮޅުތަކުގެ ތެރެއިން 10 ވަނަ އަތޮޅެވެ. މިއަތޮޅު އޮންނަނީ ރާއްޖޭގެ އިރުމަތީ ބިތުގައެވެ. މި ވ. އަތޮޅު ބެލެވިފައިވަނީ ޤުދުރަތީ ރީތިކަމާއި ފަރުތަކުގެ މުއްސަނދިކަމުގެ ގޮތުން ވަރަށް ފާހަގަކޮށްލެވޭ އަތޮޅެއްކަމުގައެވެ. ޚާއްޞަކޮށް އަޑިއަށް ފީނާމީހުންގެ މެދުގައި ވަރަށް މަޤްބޫލް ތަންތަން ވ. އަތޮޅުގައި އެބަހުއްޓެވެ. ފަރުމަސްވެރިކަމަށްމޮޅު އެތައްބައިވަރު ސަރަޙައްދުތަކެއް އެބަހުއްޓެވެ. ވ. އަތޮޅަކީ ތަރައްޤީއާއި ކުރިއެރުމުގެ ރޮނގުން މިއަދު ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަންނަ އަތޮޅެކެވެ. މިއަތޮޅުގެ އާބާދީއަކީ، ގާތްގަނޑަކަށް 2300އެވެ.

އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްއަތޮޅު ކައުންސިލްގެ ފަރާތުން މިހާރުވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މާލެއާއި އަތޮޅުގެ ރަށްރަށާއި ދެމެދުގައި ދެމުންގެންދާ ފެރީގެ ޚިދުމަތެވެ. މީގެ އިތުރުން އަތޮޅު ރައްޔިތުންގެ ތަރައްޤީގެ ފަންޑާއި ފާމަސީގެ ޚިދުމަތް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.