(ނިމިފައި)ކޮމްޕިއުޓަރ ސްކީމް | Secretariat of the Felidhuatholhu Atoll Council

(ނިމިފައި)ކޮމްޕިއުޓަރ ސްކީމް

މި ކްރެޑިޓް ސްކީމަކީ އަތޮޅުގެ ރައްޔިތުން ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް، އަތޮޅުގެ އާބާދީގެ ބޮޑުބަޔަކީ ކޮންޕިއުޓަރ ޢިލްމު އުނގެނުމުގެ ފުރުޞަތު ލިބިފައިފާ ބަޔަކަށް ހެދުމާއި، ލުއިފަސޭހަ ހެޔޮއަގެއްގައި ކޮމްޕިއުޓަރ ސިސްޓަމް ލިބޭނެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ސީދާ އަތޮޅު ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. ޢާއްމުކޮށް އަތޮޅުތެރެއަށް އިޢްލާން ކުރައްވައިގެން ކުރިއަށްގެންދާ މިސްކީމްގެ ފުރަތަމަ ބުރު ވަނީ 2006 ފެބްރުއަރީ މަހުގެ ތެރޭގައި ކުރިއަށް ގެންދެވިފައެވެ. ފުރުތަމަ ބުރުގައި ޖުމްލަ 60 ކޮންޕިއުޓަރ ސިސްޓަމާއި އަދިވެސް މިއާއި ގުޅޭ އެހެނިހެން ސާމާނުވަނީ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. 2006 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުނު މި ސްކީމްގެ 2 ވަނަ ބުރުގައި ގެނެވުނު 52 ކޮންޕިއުޓަރ ސިސްޓަމާއިއެކު، ޖުމްލަ 112 ކޮންޕިއުޓަރ ސިސްޓަމް ވަނީ ފެލިދުއަތޮޅު ރައްޔިތުންގެ ތެރެއިން މިސްކީމްގައި ބައިވެރިވުމަށް އެދި  ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ.

މި ސްކީމުގެ 3 ވަނަ ބުރުގައި 2008 އޮގަސްޓްމަހު  45 ޑެސްކްޓޮޕް ކޮމްޕިއުޓަރާއި، 14 ލެޕްޓޮޕް ކޮމްޕިއުޓަރ ވަނީ އަތޮޅަށް ގެނެސް އަތޮޅު ރައްޔިތުންގެތެރެއިން މި ސްކީމުގައި ބައިވެރިވުމަށް އެދިފައިވާ ފަރާތްތަކަށް ދޫކުރެވިފައެވެ. މިބުރަކީ ކުރީގައި ހިންގުނު ދެބުރާއި ޚިލާފަށް ޑެސްކްޓޮޕް ކޮމްޕިއުޓަރާއި، ލެޕްޓޮޕް ކޮމްޕިއުޓަރ ހިމްނައިގެން ހިންގުނު ބުރެކެވެ. މިހާތަނަށް މި ތިންބުރުން ޖުމުލަ: 171 ކޮމްޕިއުޓަރވަނީ އަތޮޅު ރައްޔިތުންގެތެރެއިން މި ސްކީމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވިފައެވެ

މި ސްކީމުގެ 4 ވަނަ ބުރު ކުރީގައި ހިންގުނު ދެބުތަކާއި ޚިލާފައް މި ބުރުގައި ދޫކޮށްފައިވަނީ ހުސް ލެޕްޓޮޕެވެ. މި ބުރު ހިންގާފައިވަނީ 2012 މާރޗް މަހުގެ ތެރޭގައެވެ. ޖުމްލަ 40 ލެޕްޓޮޕް މިބުރުގައި ދޫކޮށްފައިވެއެވެ. 4 ވަނަބުރުގައި ޖުމްލަ 396440ރ(ތިންލައްކަ ނުވަދިހަ ހަހާސް ހަތަރުސަތޭކަ ސާޅީސް ރުފިޔާ/-) ހަރަދުކުރެވިފައިވެއެވެ.

ކޮމްޕިއުޓަރ ލޯންސަކީމްގެ 5 ވަނަ ބުރެއް ހިންގުމައް އަތޮޅުތެރެއަށް އިޢުލާން ކޮށްފައިވަނީ 20 މެއި 2014 ގައެވެ. މި ބުރުގައި ފޯމް ހުށަހެޅި ފަރާތްތަކަށް 25 އައިޕެޑާއި 23 ލެޕްޓޮޕް އަދި 4 ޑެކްސްޓޮޕް ގެނެވުނެވެ. މި ތަކެތި ގަތުމަށް ހަރަދުކުރެވިފައިވަނީ ޖުމްލަ: 627891.00ރ (ހަލައްކަ ހަތާވީސް ހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ/-) އެވެ.

ކޮމްޕިއުޓަރ ސިސްޓަމާއި އެއާއިގުޅޭ އެހެނިހެން ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، މި ސްކީމްގެ ބައެއްގެގޮތުގައި ހިމަނުއްވައިގެން ފެލިދުއަތޮޅު އަތޮޅުކައުންސިލާއި ދިވެހިސަރުކާރާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދަވާ ‘އެޓޮލް ޑިވެލޮޕްމަންޓް ފޯރ ސަސްޓެއިނަބްލް ލައިވްލީހުޑް’ ޕްރޮޖެކްޓްގެ އެހީލިބިގެން ކޮންޕިއުޓަރ ބޭނުންކުރުމުގައި ވިސްނަންވީ ކަންތައްތަކާއި އާއްމުގޮތެއްގައި ކޮންޕިއުޓަރަށް ދިމާވާ ކުދިކުދި މައްސަލަތައް ދިމާވުމަށް ވެދުވެރިވާ ސަބަބުތަކާއި އެކަންތައްތައް ހައްލުކުރާނޭގޮތާއިބެހޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސްވަނީ ކުރިއަށްގެންދެވިފައެވެ.

  މި ޕްރޮގްރާމްގެ ޖުމްލަ ކެޕިޓަލްގެ ގޮތުގައި -/1647865 ރ (އެއްމިލިއަން ހަލައްކަ ސާޅިސް ހަތްހާސް އަށްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ/-) ވަނީ ޚަރަދުކުރެވިފައެވެ. އަދި މިހާތަނަށް ރިޕެއިމަންޓްގެ ގޮތުގައި 1346328.37 ރ. (އެއްމިލިއަން ތިންލައްކަ ސާޅީސްހަހާސް ތިންސަތޭކަ އަށާވީސްރުފިޔާ/ ތިރީސް ހަތްލާރި) ވަނީ ލިބިފައެވެ.  އާއްމުރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބިގެން ފެއްޓުނު މި ޕްރޮގްރާމްގެ 5 ބުރު ކުރިއަށް ގެންދެވިފައިވީއިރު ޢާއްމުރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް މިޕްރޮގްރާމަށް ލިބިފައި ވެއެވެ.

މި ކައުންސިލުން ހިންގާ ދީފަހި ސްކީމުގެ ދަށުން  ކޮމްޕިއުޓަރުވެސް ގެނެވޭތީއާއެކު މިހާރު މި ސްކީމުގެ އިތުރު ބުރެއް ފެށުމުގެ ބޭނުންވަނީ ނަތިފައެވެ.