ލުއިލޯން (ނިމިފައި)
މި ފަންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެލިދެއަތޮޅުގައި ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށްޓަކައި ކުރީގެ މިއަތޮޅު އަތޮޅު އަތޮޅުކޮމެޓީން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފެއްދުމަށް ފައިސާ ލިބިފައިވަނީ ޔޫ.އެން.ޑީ.ޕީ އާއި ދިވެހި ސަރުކާރު އަދި ފެލިދެއަތޮޅު އަތޮޅުކޮމެޓީގުޅިގެން 1999 ވަނަ އަހަރު ފެލިދެއަތޮޅުގައި ހިންގުނު ”ޕްރޮމޯޓިންގ ސަސްޓެއިނަބްލް ހިޔުމަން ޑިވެލޮޕްމަންޓް އިން ވާވު އެޓޮލް” މަޝްރޫޢުގެ ފަރާތުންނެވެ. ލާމާރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫންގެ ދަށުން މިހާރު އުފެދިފައިވާ އަތޮޅު ކައުންސިލް ޙަވާލުވިއިރު މި ފަންޑުން ލޯން ދިނުމުގެ ކަންތައްތަކަށްވަނީ ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައެވެ. އެއީ ފަންޑުގެ އަސާސީ ޤަވާޢިދުގައިވާ ގޮތުން ރަށްރަށުގައި ލޯން ދިނުމުގެ މަސައްކަތުގައި އެއިރުގެ ރ.ކ. ކޮމެޓީ ތަކުގެ ދައުރު ނުހަނު ފުޅާކޮށް އޮއްވައި އެކޮމެޓީތައް އުވާލެއްވުމާ ގުޅިގެން އައިސްފައި ހުއްޓުމެކެވެ.
މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލުން އިދާރާއާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ މި ފަންޑުގެ ޙަރަކާތްތައް އަލުން ފެއްޓެވުމަށެވެ. މިގޮތުން ފަންޑުގެ ޤަވާޢިދަށް ބައެއް އިޞްލާޙްގެންނެވުމާއެކު އަނެއްކާވެސް ފަންޑުން ލޯން ދިނުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.
މި ފަންޑު އުފެއްދުމުގެ މައިގަނޑު މަޤުޞަދަކީ ފެލިދުއަތޮޅު ރައްޔިތުންގެ އިޖުތިމާޢީ، އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ދެމެހެއްޓެނެވިގޮތެއްގައި އެހީތެރިވެ އަތޮޅުގައި ތަރައްޤީގެ ޕްރޮގްރާމެއް ހިންގުމަށް މަގުފަހިކުރުމެވެ. އަދި އާމްދަނީ ލިބޭނެ މަސައްކަތްތައް އަތޮޅުގައި އިތުރުކުރުމަށް މަގުފަހިކޮށް ވަޒީފާގެ ފުރުޞަތު ތަނަވަސްކުރުމަށް އެހީތެރިވުމެވެ. އަދި އަތޮޅުގެ ތަރައްޤީގެ ހަރަކާތްތައް ދެމެހެއްޓެނި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި އިންސާނީ ވަޞީލަތް މުއްސަނދިކޮށްގެން އަތޮޅުގައި ހުރި އިދާރާތައް، ޚާއްޞަކޮށް އަތޮޅު ކައިންސިލްގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމެވެ.
މި ފަންޑުން ފުރަތަމަ ލޯނެއް ދެވިފައިވަނީ ފުލިދޫގެ އަމިއްލަ ޖަމާޢަތަކަށެވެ. އެއީ 2001 މެއިގައެވެ. ފާއިތުވި 16 އަހަރުދުވަހުގައިވެސް އަތޮޅު ރައްޔިތުންގެ ތަރައްޤީގެ ފަންޑުން ލޯންގެ އެހީ ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޢަދަދު ވަރަށްބޮޑުތަން އިތުރުވެފައިވެއެވެ. 2001ވަނަ އަހަރު 1,000,000/- ރ. (އެއްމިލިއަން ރުފިޔާ/-) އިން ފެށުނު މިފަންޑުން މިހާތަނަށް 496 އަށްވުރެ ގިނަ ލޯން ދެވިފައިވެއެވެ. ފައިސާގެ އަދަދުން ބަލާއިރު 10.917 މިލިޔަނަށްވުރެ އިތުރެވެ. މައިގަނޑުގޮތެއްގައި ލޯން ދޫކުރެވިފައިވަނީ ކުދި ވިޔަފާރި ފެށުމާއި ވިޔަފާރި ތަރައްޤީކުރުމަށް، ގެދޮރު ޢިމާރާތްކުރުމާއި މަރާމާތުކުރުމަށް، އޮޑި ދޯނިފަހަރު މަރާމާތުކުރުމަށް، ގޯތިތެރޭގައި ގަސްއިންދުން، ފެހުމާއި މާޖެހުމުގެ މަސައްކަތްކުރުމަށް އަދިވެސް އާމްދަނީލިބޭ ތަފާތު ގިނަ މަސައްކަތްތައް ކުރުމަށެވެ.