ރަށުގެ އާބާދީ
އެންމެ ފަހުން އަދާހަމަ ކުރެވުނީ: 14 އޮކްޓޯބަރ 2024 - 08:26
އުމުރު |
ފިރިހެން |
އަންހެން |
ޖުމްލަ |
---|---|---|---|
18 އަހަރުން ދަށު |
61 |
79 |
140 |
18 - 35 |
87 |
59 |
146 |
36 - 64 |
113 |
95 |
208 |
65 އަހަރުން މަތި |
13 |
12 |
25 |
ޖުމްލަ |
274 |
245 |
519 |
ރަށުގެ މައުލޫމާތު
ވ. އަތޮޅުގެ އުތުރުން މާލެއާއި އެންމެ ކައިރީގައި އޮންނަ ވ.ފުލިދޫ އަކީ 200 މީޓަރު ފުޅާ، 700 މީޓަރު ދިގު، ޤުދުރަތީ ގޮތުން ޗާލު ގޮޑުދޮށަކާއި އަދި އެހާމެ ޗާލު މޫދެއް ލިބިފައިވާ، ހަމަހިމޭން، ހިތްގައިމު ކުޑަ ރަށެކެވެ. ފުލިދޫ މިއަދު ރާއްޖޭއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަޝްހޫރު ވެފައިވަނީ ރަށްފުށު ފަތުރުވެރިކަމުގެ ލާސާނީ މަންޒިލެއްގެ ގޮތުގައެވެ.
މާލެއާއި ފުލިދޫއާ ދެމެދު ގެ ދުރުމިނަކީ 55.7 ކިލޯމީޓަރ އެވެ. ލޯންޗުގައި ނަމަ މާލެއިން ފުލިދުއަށް ހޭދަވާނީ ގަޑިއިރެކެވެ. ރަށުގެ ރަޖިސްޓުރީވެފައިވާ އާބާދީ އަކީ 519 އެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ 284 މީހުންނެވެ. ރަށުގައި 100 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެއެވެ. ރަށުގައި މީހުން ދިރިއުޅޭ ގޭބިސީގެ ޢަދަދަކީ 73 އެވެ. މިރަށުގައި ހުރި ސަރުކާރުގެ އިމާރާތްތަކުގެ ތެރޭގައި ފުލިދޫ ކައުންސިލް ޢިދާރާ، ވ.އަތޮޅު މަދަރުސާ، ޕްރީ ސުކޫލް، ހެލްތު ސެންޓަރ، މެޖިސްޓްރޭޓް ކޯޓް، ޕޮލިސް ޕޯސްޓް، ސްޓެލްކޯ އިންޖީނުގެއާއި އަދި ފެނާއި ނަރުދަމާ ސްޓޭޝަން ހިމެނެއެވެ. ރަށުގެ މައިގަނޑު އިޤްތިޞާދީ މަސައްކަތަކީ ފަތުރުވެރިކަމެވެ. ރަށުގައި ޖުމްލަ 25 ގެސްޓް ހައުސް މިހާރު ހިންގަމުންދެއެވެ. މީގެ އިތުރުން 2 ރެސްޓޯރެންޓާއި، 1 ކެފޭ ހުރެއެވެ. 2 މަސް ދޯންޏާއި އަދި ކާޕެންޓުރީ މަސައްކަތް ކުރާ 3 ކުންފުނި ރަޖިސްޓްރީކޮށްފައިވެއެވެ.
ރަށުގެ މައި އިޤްތިޞާދަކީ ރަށްފުށު ފަތުރުވެރިކަމަށްވުމުން ރަށުގެ ކައުންސިލުންވެސް ވަނީ ރަށު ރައްޔިތުންގެ ވިޔަފާރިތަކަށް ދުރާލާ ވިސްނައި ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ސިޔާސަތަކީ ރަށުގައި އެންމެ އުސްކޮށްވެސް އިމާރާތްކުރެވޭނީ 4 ފަންގިފިލާއަށްކަން ކަނޑައަޅާފައި އޮންނަ އޮތުމާއި އަދި ރަށުގައި އިންޖީނުލީ އެއްވެސް އުޅަދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމެވެ. މިސިޔާސަތުތަކަކީ ހަޤީޤަތުގައިވެސް ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތަކެއްކަން އެނގެނީ މިސިޔާސަތުތައް ތަންފީޒުކުރުމުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ކައުންސިލަށް ލިބޭތީއެވެ. ރަށުގެ އާސަރީ ތަރިކަ ގޮތުގައި މިވަގުތު ފެންނަން ހުރީ ހަމައެކަނި ރަށުގެ މެދުތެރޭގައިވާ ބޮޑު، ބިޔަ ނިކަގަހެވެ. މިނިކަގަހަށް ގަރުނަކަށްވުރެ ގިނަ ދުވަސް މިހާރު ވެދާނެއެވެ. މިރަށަކީ ޘަޤާފީ ކުޅިވަރުތަކުގައިވެސް ނަން މަޝްހޫރު ފާހަގަކޮށްލެވޭ ރަށެކެވެ. މިގޮތުން ލަނގިރިޖެހުމާއި، ބޮޑުބެރުޖެހުން ހިމެނެއެވެ. އީދުކުޅިވަރު ކުޅުމުގައިވެސް މިއީ އަތޮޅުތެރެއިން މަޤްބޫލު ރަށެކެވެ. މިގޮތުން ކޯޑި ކުޅިވަރާއި، ބޮޑުމަސް ކުޅިވަރާއި، ތަކުރު މާލިއާއި، ދެލި މާލިއާއި، މުކައްބަ މާލި ނެރުން ފަދަ ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ. މިއީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިނިތުންވުމާއެކު އަބަދުވެސް މަރުޙަބާކިޔާ، ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ އަމާން، ރީތި، ހިތްގައިމު ރަށެކެވެ.


