މި ކައުންސިލްގެ 66 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

22 ސެޕްޓެމްބަރ 2024 - 11:49

މި ކައުންސިލްގެ 66 ވަނަ އަހަރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއާއި ހަފްލާ އޮތީ 9 ސެޕްޓެމްބަރ 2024 ވީ ހޯމަ ދުވަހުގެރޭ ވ. ތިނަދޫ ޕުލުމޭރިޔާގައެވެ. މި  މުނާސަބަތަށްޓަކައި ޕުލޫމޭރިޔާއާއި މުޅި ތިނަދޫވެސް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. 

މި މުނާސަބަތުގައި މުހިއްމު ތިން ޙަރަކާތެއްވަނީ ކައުންސިލުން ހިންގައިފައެވެ. ތިރީގައި އެވަނީ އެ ކަންކަމުގެ ތަފްޞީލަށެވެ. 

       މުނާސަބަތުގެ ޚާއްޞަ ޖަލްސާ

މި ޖަލްސާ އޮތީ 8:30 ގައި ތިނަދޫ ޕުލްމޭރިޔާގެ ޖަލްސާކުރާ މާލަމުގައެވެ. މިޖަލްސާގެ ޝަރަފްވެރި މެހެމާނަކީ މާލެސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް އާދަމް އާޒިމެވެ. މީގެ އިތުރުން ޚާއްޞާ މެހެމާނުގެގޮތުގައި ހޮޓެލްސް އެންޑް ރިޒޯޓްސް އިންވެސްމެންޓްސްގެ ވައިސް ޗެއަރ އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހް އާއި ހޮޓެލްސް އެންޑް ރިޒޯޓްސް އިންވެސްމެންޓްސް މޯލްޑިވްސް ގެ ގްރޫޕް ޗީފް ކޮމާޝަލް އޮފިސާރ އަލްފާޟިލް އަހްމަދު ޖާސިމް ޖަނާހް ބައިވެރިވެޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތަށް ދައުވަތު އެރުވިގެން ތިނަދުއަށް ވަޑައިގެންނެވި އަތޮޅުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެތެރޭގައި އަތޮޅުގެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްމުވައްޒަފުންނާއި މިކައުންސިލަށް ކުރީގައި ޚިދުމަތްކުރެއްވި އިސް ރަށްވެހިން ހިމެނިވަޑައިގެންނެވިއެވެ. 

ޤުރްއާނުގެ ބަރަކާތުން މި ޖަލްސާ ފަށްޓަވައިދެއްވީ އައިމިނަތު އައިރާ އިބްރާހީމްއެވެ. ޖަލްސާ ތަޢާރަފްކުރުމުގައި ޖަލްސާ ހުށަހަޅައިދިނުން ކުރިއަށް ގެންދެވީ މި ކައުންސިލްގެ އެސިސްޓެންޓް އޮފިސާރ އައިމިނަތު ޔަނާލް މޫސާ އެވެ. 

ޖަލްސާގެ ވެރިންނަށް ރަސްމީކޮށް މަރުޙަބާދެންނެވުމާއި ޝުކުރު އަދާކުރެއްވުމުގެގޮތުން ވާހަކަދެއްކެވީ ކައުންސިލްގެ ރައީސް ސުޖާޢު ޢަލީއެވެ.  

މީގެއިތުރުން ވޭތުވެދިޔަ އަހަރުގައި ކައުސިލުން ހިންގައިފައިވާ މުހިއްމު ޙަރަކާތްތަކާބެހޭ ރިޕޯރޓެއް ހުށަހެޅުންވެސް އޮތެވެ. މި ރިޕޯރޓް ހުށަހަޅުއްވައިދިނީ މި ކައުންސިލް އެގްޒެކެޓިވް އަދި ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަބްދުލްމަޖީދު ޢަބްދުލްޢަނީއެވެ. 

 

       ކައުންސިލްގެ އައު ވެބްސައިޓް އިފްތިތާޙްކުރުން

ކައުންސިލްގެ އައު ވެބްސައިޓަކީ ޒަމާނާ ގުޅޭގޮތަށް މި ކައުންސިލުން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެވެ. މި ވެބްސައިޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެ މާލެ ސިޓީގެ މޭޔަރ އަލްފާޟިލް އާދަމް އެވެ. 

 

       20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުން

މި ކައުންސިލްގައި މިހާރު ވަޒީފާ އަދާކުއްވާ 11 މުވައްޒަފަކަށް ދިގު މުއްދަތުގައި ޚިދުމަތްކުރުމުގެ ހަދާނީ ފިލާ ދެވުނެވެ. މިގޮތުން ހަނދާނީ ފިލާ ލިބިވަޑައިގެންނެވި މުވައްޒަފުންނަކީ 

އިސްމާޢިލް ޙަލީލް / ކައުންސިލް އެސިސްޓެންޓް

ނާޞިރާ ހަސަން / އެސިސްޓެންޓް ފައިނޭންސް އޮފިސާރ

ފާތިމަތު މޫސާ / ކައުންސިލް އެސިސްޓެންޓް

ނާދިރާ ޢަބްދުލް ޢަޒީޒް/ އެސިސްޓެންޓް ކައުންސިލް އޮފިސާރ

އަބްދުﷲ އަލީ / ދޯނީގެ ނެވި

އިބްރާހިމް ސިޔާމް/ ސީނިއާރ ކައުންސިލް އެސިސްޓެންޓް

އަޙްމަދު ރަމީޒް/ އ.ކައުންސިލް އިފިސާރ

މުޙައްމަދު އިސްމާއީލް އިބްރާޙީމް/ އެސިސްޓެންޓް ފައިނޭންސް އޮފިސާރ

އިސްމާޢިލް ޝާހިދު/ އ.ކައުންސިލް އޮފިސާރ

އަލީ ސަލީމް/ އ.ކައުންސިލް އޮފިސާރ

ޢަބްދުލް މަޖީދް ޢަބްދުލްޣަނީ/ ކައުންސިލްގެ އެކްޒެކެޓިވް އަދި ކައުންސިލްގެ ވަގުތީ ސެކެޓްރީ ގެނެރަލް

މި މިވައްޒަފުންނަށް ހަނދާނީ ފިލާތައް ބައްސަވައިދެއްވީ މިރަސްމިއްޔާތުގައި ބައިވެރިވެޑައިގެންނެވި ޚާއްޞަ ތިން މެހެމާނުން ކަމުގައިވާ ހޮޓެލްސް އެންޑް ރިޒޯޓްސް އިންވެސްމެންޓްސްގެ ވައިސް ޗެއަރ އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހްއާއި ހޮޓެލްސް އެންޑް ރިޒޯޓްސް އިންވެސްމެންޓްސް މޯލްޑިވްސް ގެ ގްރޫޕް ޗީފް ކޮމާޝަލް އޮފިސާރ އަލްފާޟިލް އަހްމަދު ޖާސިމް ޖަނާހްއާއި މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް އާދަމް އާޒިމްއެވެ. 

 

 

 

       ރޭގަނޑުގެ ފަރިއްކޮޅު

މިކައުންސިލްގެ 66 ވަނަ އަހަރީ ދުވަހުގެ މުނާސަބަތަށް ދަޢުވަތު އެރުވިފައިވާ ހުރިހާ ބޭފުޅުންގެ ޝަރަފްގައިރޭގަނޑުގެ ފަރިއްކޮޅެއް އޮތެވެ. މި ފަރިއްކޮޅު އޮތީ ވ. ތިނަދޫ ޕުލޫމޭރިޔާގެ ސީވިއު ގައެވެ.