
ފިރިހެން ޑިވިޜަންގެ ފައިނަލްގައި ފެލިދޫއާއި ދެކޮޅަށް ކެޔޮދޫ
ވ.އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ރޭގައި ބައްދަލުކުރި މެޗަކީ ފައިނަލަށް ދާނެ ދެވަނަ ޓީމެއް ކަނޑައެޅިގެންދާ މެޗެވެ. މެޗު ފެށިގެން ފުރަތަމަ ސެޓްގައި ތިނަދޫން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް ސެޓް ކެޔޮދޫން ގެންދިޔައީ 19-25 ނެވެ. ތިނަދޫ ފައިނަލަށް ދާން އޮތީ ކެޔޮދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ސެޓްވެސް ކެޔޮދޫން ގެންދިޔައީ ފަސޭހަކަމާއެކު 25-22 އަދި ތިންވަނަ ސެޓް ފެށިގެން ކުރިއަށް ދިޔައިރު މެޗުގެ ފޯރިވަނީ ކެނޑިފައެވެ. މިގޮތުން ދެ ޓީމުންވެސް ބަދަލުކުޅުންތެރިންނަށް ފުރުސަތު ދިނެވެ. ތިންވަނަ ސެޓް ކެޔޮދޫން ގެންދިޔައީ 25-16 ނެވެ.މެޗުގެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫ ޓީމްގެ ޖާޒީ ނަންބަރު 10 އަހުމަދު ޢަބްދުލްކަރީމް އެވެ. މެޗު ތިނަދޫން ކުޅުނީ ސަސްޕެންޝަންގައި ހުރި ޓީމްގެ ސެޓަރު އިޝާން އިބުރާހީމް ނުލައެވެ. ފައިނަލްގައި ފެލިދޫއާއި ކެޔޮދޫ ބައްދަލުކުރާ މެޗު އޮންނާނީ 23 އޮގަސްޓް 2025ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 އެވެ.