ޕޮއިންޓް ތާވަލްގެ އެއްވަނަ ފެލިދޫ އަށް

22 އޯގަސްޓް 2025 - 13:47

ވ.އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޕޮއިންޓް ތާވަލްގެ އެއްވަނަ ފެލިދޫން ހޯދައި ފައިނަލް މެޗަށް ކުރާ އިތުބާރު ބޮޑުކޮށްފިއެވެ. މުބާރާތުގައި ފެލިދޫން ޓޭބަލްގެ އެއްވަނައަށް އެރީ ކުޅުން ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ފެލިދޫން ގެންގޮސްފައިވަނީ 25-14 ،25-15 ނެވެ. ނަމަވެސް ތިންވަނަ ސެޓް 25-17 ފުލިދޫ ގެންދިޔައެވެ. ތިންވަނަ ސެޓްގައި ފެލިދޫ ޓީމްގެ ބިދޭސީ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. ފުލިދޫން ވެސް ބިދޭސީ ކުޅުންތެރިންގެ ބަދަލުގައި ދިވެހި ޒުވާންކުޅުންތެރިންނަށް ފުރުސަތު ދިނެވެ. މި މުބާރާތުގައި ބިދޭސީ ކުޅުންތެރިން ކޯޓުގައި ނެތި  ދިޔަ ވަގުތެއް ފެނިގެން ދިޔައީ ތިން ވަނަ ސެޓުގައެވެ. އެހެން ނަމަވެސް ހަތަރުވަނަ ސެޓް ފެށުނީ ދެ ޓީމްގެވެސް އެންމެ މޮޅު ހަ ކުޅުންތެރިންނާއިއެކުއެވެ. ފެލިދޫން ސެޓް ކާމިޔާބުކުރީ 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެލިދޫ ޓީމްގެ ޖާޒީ ނަންބަރު 13 ހުސައިން ވިސާމް އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 23 އޮގަސްޓް 2025ވާ ހޮނިހިރު ދުވަހުއެވެ.