ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފެލިދުއަށް

26 އޯގަސްޓް 2025 - 10:42

ވ.އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފެލިދޫ ހޯދައިފިއެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިނުވެ މުބާރާތުގެ ފައިނަލަށް ދިޔަ ފެލިދޫ ތަށި އުފުލާލީ ޕޮއިންޓްތާވަލްގެ ދެ ވަނައިގައި އޮތް ކެޔޮދޫއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެނެވެ. މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމްގެ ކުޅުންތެރިންނަކީ ރާއްޖޭގައި މިވަގުތު ވޮލީގެ އެންމެ މަތީ ފަންތީގައި ކުޅޭ ކުޅުންތެރިންނެވެ. ފޯރިގަދަ ފައިނަލްމެޗު ފެށިގެން ނިމެންދެން ދެ ޓީމުގެ ސަޕޯޓަރުންގެ ތަރުހީބުވެސް މެދުނުކެނޑި ދެ ޓީމަށް ލިބެމުންދިޔައެވެ. 

ވާދަވެރި މޮޅުކުޅުމެއް ދެއްކި މެޗު ފެށިގެން ފުރަތަމަ ސެޓު ފެލިދޫއިން ކެޔޮދޫގެ މައްޗަށް ކުރި ހޯދީ 25-22 ނެވެ. ދެވަނަ ސެޓްވެސް ވަރަށް ވާންކޮށް ގޮސް 25-22 ން ސެޓް ކާމިޔާބުރީ ފެލިދޫ ޓީމެވެ. ތިންވަނަ ސެޓް ފެށީ ފެލިދޫއިން ވަރަށް ޔަގީންކަމާއި އިތުބާރާއިއެކުއެވެ. ތިންވަނަ ސެޓް ފެލިދޫން ހޯދައި މުބާރާތުގެ ތަށި އުފުލާލީ 25-20 ކެޔޮދޫބަލިކޮށްފައެވެ.

 މެޗު ނިމިގެން މުބާރާތުގެ ފިރިހެން ޑިވިޜަންގެ ނަތީޖާ ފާޅުކުރިއެވެ. މެޗުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްއާއި މުޅި މުބާރާތުގެ އެއްވަނަ ކުޅުންތެރިޔާ ލިބުނީ ފެލިދޫ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 15 މުރާދު ޖީޙާންއަށެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ފެލިދޫ ޓީމްގެ ޖާޒީ ނަންބަރު 12 އަލީ ހުޒާމް، ޖާޒީ ނަންބަރު 13 ހުސައިން ވިޝާމް ، ޖާޒީ ނަންބަރު 03 އައެސް އަދި ތިނަދޫ ޓީމްގެ ޖާޒީ ނަންބަރު 09 އަޙްމަދު މުސްތަފާޙާން އަދި ކެޔޮދޫ ޓީމްގެ ޖަޒީ ނަންބަރު 07 މުބައްޝަރު ރަޒާ ހިމެނުނެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ފުލިދޫ ޓީމްގެ ޖާޒީ ނަންބަރު 14 މަދުޝާންއަށެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަޤާމް ލިބުނީ ފެލިދޫ ޓީމްގެ ޝަފުއާޒް މުޙައްމަދަށެވެ. އެންމެ މޮޅު ކޯޗު ލިބުނީ ފެލިދޫ ޓީމްގެ މުޙައްމަދު ޝިހާމަށެވެ.