
މުބާރާތް ފޯރިއާއިއެކު ކުރިއަށް
ވ.އަތޮޅު ވޮލީ މުބާރާތް 15 އޮގަސްޓް 2025 ގައި ފެލިދޫގައި ވަނީ ފަށާފައެވެ. އަންހެން ޑިވިޝަންގެ 3 ރަށް އަދި ފިރިހެން ޑިވިޝަންގެ 4 ރަށް މުބާރާތުގައި ވާދަކުރެއެވެ. މުބާރާތުގައި ފުރަތަމަ މެޗުގައި ވާދަކުރީ އަންހެން ޑިވިޝަންގެ ފުލިދޫއާއި ކެޔޮދޫއެވެ. ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުން މެޗު ކާމިޔާބުކުރީ ކެޔޮދޫ އެވެ.
މެޗުގެ ފުރަތަމަ ސެޓް 25-21 ން ކެޔޮދޫ ގެންގޮސްފައިވާއިރު ދެވަނަ ސެޓް 25-23 އަދި ތިން ވަނަ ސެޓް 25-23 ން ފުލިދޫ ހޯދިއެވެ. ނަމަވެސް ކެޔޮދޫން ހަތަރު ވަނަ ސެޓް 25-23 ން ހޯދާ ފަސްވަނަ ސެޓަށް މެޗު ދެމިގެން ދިޔައެވެ. ފަސްވަނަ ސެޓް ވާދަވެރިކުޅުމަކަށްފަހު ކެޔޮދޫން ކާމިޔާބުކުރީ 15-10 ނެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ލިބުނީ ކެޔޮދޫ ޓީމަށް ކުޅޭ ތައިލެންޑް ކުޅުންތެރިޔާ ޖާޒީ ނަންބަރު 08 ޗަނަކްނަން އަށެވެ.
އަންހެން ޑިވިޝަންގެ ޓީމުތައް މުބާރާތުގައި ކުޅޭއިރު ފާހަގަކޮށްލެވޭ ކަމަކީ ބިދޭސީ ކުޅުންތެރިންގެ ބޭނުންކުރާ މިންވަރު އިތުރުވުމެވެ. ކޮންމެ ޓީމަކަށްވެސް ބިދޭސީ ދެ ކުޅުންތެރިން ގެނެސްފައިވާއިރު އެ ކުޅުންތެރިން ނިސްބަތްވަނީ މި ސަރަހައްދުގެ ޤައުމުތަކުގެ ޓީމްތަކަށެވެ. އެއީ އެޓީމްތަކުގައި ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގ ހުޅުވާދިން މެޗްފގައި ބައްދަލުކުރީ ފުލިދޫ އާއި ތިނަދޫއެވެ. މެޗުގެ ސެޓްތައް ގެންގޮސްފައިވަނީ 25-22،25-23 އަދި 25-23 ނެވެ. ވާދަވެރި މޮޅު ކުޅުމަކަށްފަހު ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރީ ތިނަދޫ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ތިނަދޫ ޓީމަށް ކުޅޭ ޕާކިސްތާނު ކުޅުންތެރިޔާ އަހުމަދު މުސްތަފާ ޚާން އަށެވެ.
އަންހެން ޑިވިޝަންއެކޭ އެއްފަދައިން ފިރިހެން ޑިވިޝަންގެ ހުރިހާ ޓީމްތަކުގައިވެސް ބިދޭސީ 2 ކުޅުންތެރިން ހިމަނާފައިވެއެވެ. މި ސަބަބާއިހުރެ މުބާރާތުގެ ފޯރިވަނީ އިތުރަށް ގަދަވެފައެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ބޭނުން ފުރިހަމައަށް ހިފަމުންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި ދެވަނަ މެޗު 16 އޮގަސްޓް 2025 ގައި ކުޅެފައިވެއެވެ. މި މެޗުގައި ވާދަކުރީ ފެލިދޫ އާއި ފުލިދޫއެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ސެޓް ފުލިދޫން ފަސޭހަކަމާއެކު ގެންގޮސްފައިވަނީ 25-12 ނެވެ. ދެވަނަ ސެޓް ވާދަ ވެރި ކުޅުމަކަށްފަހު 25-22 އަދި ތިން ވަނަ ސެޓް 19-25 ން ކާމިޔާބުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރި ފުލިދޫ ޓީމެވެ. މި މެޗުގައިވެސް ފާހަގަކޮށްލެވެނީ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ މޮޅު ކުޅުމެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ލިބުނީ ފުލިދޫ ޓީމަށް ކުޅޭ ނޭޕާލް ކުޅުންތެރިޔާ ޗަންދު ޕޫނަމް އަށެވެ.
ވ.އަތޮޅު ވޮލީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭނެ އެންމެ މަތީ ފެންވަރުގެ މުބާރާތަކަށް ވުމުން އަދި ވޮލީގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިން ތިބި އަތޮޅަށް ވުމުން މި މުބާރާތަށް މުޅި ރާއްޖޭގެ ވޮލީ އަށް ލޯބިކުރާ ފަރާތްތަކުގެ ލޯތައް ވަނީ އަމާޒުވެފައެވެ. މި މުބާރާތް ލައިވްކޮށް ސަންޕުލޭ އެޕްއިން އަދި އަޅުގަނޑުމެންގެ ޔޫޓިއުބު ޗެނެލް މެދުވެރިކޮށް ވެސް ބެލުންތެރިންނަށް ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.