ގަދަ ދެ ބާރުގެ ކުރިމަތިލުން

17 އޯގަސްޓް 2025 - 15:04

ވާވު އަތޮޅުގެ ވޮލީއޭ ބުނުމުން ދެބަސް ނުވެވޭނެ ހަޤީގަތަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ވިދުންގަދަ ކުޅުންތެރިން އެންމެ ގިނައިން ތިބީ ވާވުގައި ކަމެވެ. ރާއްޖޭގެ ޤައުމީ ޓީމުގައި ކުރިންވެސް އަދި މިހާރުވެސް ކުޅެމުން އަންނަ ގިނަ ކުޅުންތެރިން ތިބި އަތޮޅުގެ ވޮލީ މުބާރާތް ފެށިފައިވާއިރު ރޭގައި ކުޅެވުނެ ފޯރިގަދަ މެޗުން ވެސް މި މުބާރާތުގެ ކުޅުންތެރިންގެ ފެންވަރުވަނީ ފެނިފައެވެ. އަބަދުވެސް ކުޅިވަރުގައި ވާދަވެރިކަން އޮންނަ ދެ ރަށް ކަމުގައިވާ ކެޔޮދޫއާއި ފެލިދޫގެ ކުރިމަތިލުން ރޭގައިވަނީ ފެނިގެންގޮސްފައެވެ. 

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު މެޗު ފެނިގެންދިޔައީ ވަރަށްވެސް ފޯރިގަދަކޮށެވެ. ފެލިދޫ ޓީމަށް ބަލާއިރު 3 ބެއިން ކަމުގައިވާ ކެޕްޓަން ހުޒާމް އަދި އޭނާގެ ކޮއްކޮ ނިލާމް އަކީ މިހާރުވެސް ޤައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. ޓީމްގެ ސެޓަރަކީ ކުރީގެ ޤައުމީޓީމްގެ ސެޓަރު ހުސައިން ވިސާމް އެވެ. ކެޔޮދޫ ޓީމަށް ބަލާއިރުވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ތިއްބެވެ. ޤައުމީ ޓީމްގެ ކުޅުންތެރިޔާ އަދި ޓީމްގެ ކެޕްޓަން އާދަމް ފައިރޫޒް އަދި އޭނާގެ ކޮއްކޮ އަޙްމަދު ފާޒިލް އަކީ ވެސް ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. އަދި ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަޙްމަދު ޢަބްދުލްކަރީމް ވެސް ނިސްބަތްވަނީ ކެޔޮދޫއަށެވެ. މި ކުޅުންތެރިންގެ އިތުރުން ކޮންމެ ޓީމެއްގައި ބިދޭސީ ދެ ކުޅުންތެރިން ހިމެނިފައިވެއެވެ. މެޗުގެ ސެޓްތައް ގެންގޮސްފައިވަނީ ވަރަށް ފޯރިގަދަކޮށް ފަސްސެޓަށް ގޮސްގެންނެވެ. ފުރަތަމަ ސެޓް 28-26 ން ކެޔޮދޫ ހޯދާފައިވަނިކޮށް ޖެހިގެން އައި ދެ ސެޓް 25-21، 25-19 ން ފެލިދޫ ގެންގޮސް މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. ހަތަރު ވަނަ ސެޓް 25-23 ން ކެޔޮދޫ ގެންދިޔުމުން ފަސްވަނަ ސެޓަށް  ދާންޖެހުނެވެ. ނޭވާ ހިފަހައްޓާލަންޖެހުނު އެތަށް ވަގުތެއް ދިޔަ މެޗުގެ ފަހު ސެޓް 11-15 ން ހޯދައިގެން ފެލިދޫން މެޗު ކާމިޔާބު ކުރިއެވެ.ދެ ޓީމްގެ ކޯޗުންނަކީވެސް ތަޖުރިބާކާރު ކޯޗުންނެވެ. ކެޔޮދޫގެ ކޯޗަކީ ޤައުމީ ޓީމަށް ކުރިން ކުޅުނު މިހާރު ސިފައިންގެ ޓީމްގެ ކޯޗު ޖުނައިދު އަބްދުﷲ އެވެ. ފެލިދޫ ކޯޗަކީ މުޙައްމަދު ޝިހާމްއެވެ.

މީގެއިތުރުން މި މެޗުން ފާހަގަކޮށްލެވުނު އަނެއްކަމަކީ ކުޅުންތެރިންގެ އަޚްލާޤެވެ. މޮޅު ކުޅުންތެރިން ތަހުޒީބު މުޖުތަމަޢެއްގައި ކުޅިވަރުގެ ރޫހާއެއްކޮށް ވާދަވެރި މެޗުތައް ކުޅެން ފަރިތަވެފައިވާކަން ފާހަގަކުރެވުނެވެ. ދެ ރަށުގެ ސަޕޯޓަރުންގެ ކިބައިންވެސް މި ތަހުޒީބު ފެނިގެން ދިޔަކަން ފާހަގަކުރެވުނެވެ. މިއީ މިފަދަ މުބާރާތްތައް ބާއްވާ އެހެން އަތޮޅުތަކަށް ނަމޫނާއެއް ކަމަށް ދެކެމެވެ.